މިފްކޯގެ އުފެއްދުންތައް ގަތުމަށް އިނގިރޭސި ވިލާތުގެ ޕްރިންސަސް ގްރޫޕްއާ އެކު މިފްކޯ އިން އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ފަރުހަތު ޝަހީރެވެ. ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕާސޭޗިން އޮފިސަރު ނީލް ބޮހޮނަންއެވެ.
މިފްކޯ އިން ވިދާޅުވީ އެ އެއްބަސްވުމުގައި ދިގު މުއްދަތަކަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހިމެނޭ ކަމަށެވެ. އެގޮތުން ފިނިކޮށް ގަނޑުކޮށްފައިވާ ރޯ މަސް ގަތުމަށް އެއްބަސްވި އިރު، ފެލިވަރުގައި ބަންދުކުރާ ދަޅު މަހުގެ ބާވަތްތައް ގަންނަން ވެސް އެއްބަސްވި ކަމަށް މިފްކޯ އިން ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން މަސް ގަތުމުގެ މިންގަނޑުތައް ހަރުދަނާކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތްކުރާނެ ކަމަށް މިފްކޯ އިން ވިދާޅުވެއެވެ.

































