ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުންނެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށެވެ. މި ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ފަރިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލަރުން ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ބައެއް ރަށްރަށުގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

































