ކުރިއަށް އޮތް 2028، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ މިއަދު މެންދުރުގެ ފަރިއްކޮޅެއްގައި ބައްދަލުކުރައްވައިފި އެވެ.
ފައްޔާޒު މިބައްދަލުވުމާ ގުޅޭގޮތުން އެނާގެ ރަސްމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދާ އެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
”ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،“ ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނު ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. އެ ޕާޓީގެ 2028 ގެ ރިޔާސީ ޓިކެޓު ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެ ޕާޓީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ކުރީގެ ޚާރިޖީވަޒީރު ކަންވެސް ކުރެއްވި އަބްދުﷲ ޝާހިދު އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދުވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.އަދި މަލޭސިޓީގެ މޭޔަރ އާދަމް އާޒިމްގެ ނަންވެސް އެޑުއިވެމުންދެއެވެ.

ނަޝީދު ފައްޔާޒުއާ ބައްދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ނަޝީދު ވަނީ ދާދިފަހުން ހާމަކުރައްވާފަ އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ބައެއް އިސްވެރިންނަށް ފޮނުއްވި މެސެޖުވަނީ ފޮނުވާފއެވެ.
”އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރުލެއް ނާރާނެ.“ ކަމަށް ރައީސް ނަޝީދުގެ މެސެޖްގައި ވެއެވެ.

































