މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، މައްޗަންގޯޅި އާސަހަރާ އާއި ހުޅުމާލެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކައުންސިލުން މި ދެ ސަހަރާ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ކައުންސިލުން މިމަސައްކަތް ކުރަމުންދަނީ ކައުންސިލްގެ ޚާއްޞަ ޓީމެއް ނަގައިގެންނެވެ. މި ދެ ސަހަރާ ރީތިކޮށް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ހޯމަ ދުވަހުއެވެ. އެ ގޮތުން މި ދެ ސަހަރާގެ ޤަބުރުސްތާން ތެރޭގައި ފަޅައިފައިވާ ވިނަތައް ނޮޅުމާއި ކުދި ގަސްތައް އުފުރާއި ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް، މި ޖޫން މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތަކަކީ، ސާފުތާހިރު ތަންތަނުގެ ގޮތުގައި ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ގޮތުން މިސްކިތްތަކާއި ސަހަރާތަކުގައި ރަނގަޅު ކުރަންޖެހޭ ކަމެއް ހުރިނަމަ އެ ކަންކަން ކައުންސިލަށް އެންގުމުން، އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް، ތަފާތު ފޯރަމްތަކުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރ އާދަމް ޢާޒިމް އަންނަނީ ވިދާޅުވަމުންނެވެ.

































