މިދުވަސްކޮޅު އެންމެ އަޑުގަދަކޮށް ދެކެވެމުން އަންނަ އެއްވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޖުޑީޝަރީއަށް ނުފޫޒުފޯރުވައި ފަނޑިޔާރުންތަކެއް ފަނޑިޔާރުކަމުން ވަކިކުރި ވާހަކައެވެ.
ހޮޅުއަށިތަކުގައްޔާއި ، ކެފޭ ތަކުގައްޔާއި ، އަދި ދެމީހަކު އެއްތަންވިޔަސް ނޫނީ ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލިޔަސް އަޑުއިވެނީ ނޫނީ ފެންނަނީ މިދެ ފަނޑިޔާރުންގެ ވާހަކައެވެ.
އެހެނަސް މިއަކީ މިޤައުމުގައި އަލަށްވާ ކަންތައްތަކެއްނޫނެވެ. ވޭތުވެދިއަ ސަރުކާރުތަކުގައިވެސް ޖުޑިޝަރީއަށް އަތްބާނައި ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެތައް ވާހަތަކެއް އެކި ގޮތްގޮތަށްވަނީ ދެކެވިފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރުކޮށް އަނިޔާތަކެއް ދިން ވާހަކަތަކެއްވެސް އޭރު ފެންމަތިވިކަން އަޅުގަނޑުމެން ހަދާންކޮށްލަންޖެހެއެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކޯޓުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއްވެސްވަނީ ފެންމަތިވެފައެވެ.
މީގެ އިތުރުން ނިމިދިއަ ރައީސް ޞާލިހުގެ ވެރިކަމުގައިވެސް ޖުޑިޝަރީއަށް އަތްބާނައި ފަނޑިޔާރުންނަށް ނުފޫޒުފޯރުވިކަމަށް ވަނީ ތުޙުމަތުތަކެއް ކޮށްފައެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައިވެސް ކަންކަން ކުރައްވަމުން ގެންދަވަނީ ހަމަ އެބީދައިންކަމަށް ގިނަ ބަޔަކު އަންނަނީ ތުޙުމަތުކުރަމުންނެވެ. މި ސަރުކާރުގައި ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާކަމަށް ތުޙުމަތު ކުރެވެން ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބާރުފޯރުވައި އެ ބަދަލު އިހު އޮތްގޮތަށް ބަދަލުކުރަން މަސައްކަތް ފެށި ހިސާބުންކަމަށް ރައްޔިތުން ބުނެއެވެ.
އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ހަދާ ގޮތަށް ޤާނޫނު ބަދަލުކުރަން މަޖިލީހުންވަނީ ނިންމާފައެވެ. އަދި އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖޭއެސްސީން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ސަސްޕެންޑްކޮށްފައެވެ. އެއީ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ހުސްނުއް ސުޢޫދު އާއި ޑރ. އަޒްމިރާލްޑާ ޒާހިރާއި މަހާޒް އަލީ ޒާހިރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްޑާ ޒާހިރާއި ހުސްނުއްސުޢޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑުކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުންގެ މާލަމުގައި ތިއްބަވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.
ރައީސް ޑރ. މުޢިއްޒު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ގިނަ ބަޔަކު ބުނަންފެށީ މިހާހިސާބުންނެވެ. އެވާހަތައް މުޅި ޤައުމުގައި ގުގުމާލާފައި އެއްއަޑަކަށް ގޮވަމުން ގެންދިއައީ ރައީސް ޑރ. މުޢިއްޒު ޖުޑީޝަރީއަށް އަތްބޭނުން ހުއްޓާލުމަށެވެ. އިދިކޮޅު ފަރާތްތަކުން މި މައްސަލާގައި މަގުތަކަށް ނުކުމެ ޖުޑިޝަރީ މިނިވަންކުރުމަށް ގޮވާލައި އިޙުތިޖާދުވެސް ކުރިއެވެ.
އެހިސާބުން ދެން ފެނިގެން ދިޔައީ ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު، ރައީސް ޑރ. މުޢިއްޒު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، މަޤާމުން އިސްތިޢުފާދެއްވިތަނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ދެން އަނެއްކާވެސް ފެނިގެން ދިއައީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒުމިރަލްޑާ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރިތަނެވެ. މިއީ ޤައުމުގެ ވަކިވެފައި އޮތް ތިން ބާރުވެސް ރައީސް ޑރ. މުޢިއްޒުގެ މުށުތެރެއަށް ލުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މި ޤައުމުގެ މިހާރު ތިން ބާރު އޮތީ ނަމެއްގައި ކަމަށާއި އެ ތިން ބާރު މިނިވަން ނޫން ކަމަށްވެސް އެއްބަޔަކު ބުނެއެވެ.
ދެ ފަނޑިޔާރުންގެ މައްސަލާގައި އެމައްސަލަ ޖޭއެސްސީއިން ބަލާފައިވަނީ ވެސް ޤާނޫނާ ޙިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސްވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒުމިރަލްޑާ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މޭ މަހުގެ 14 ވަނަ ދުވަހު ނިންމާ ފާސްކޮށްފަވާއިރު އިދިކޮޅު ސިޔާސީ ޕާޓީތަކުން މިވަނީ މިކަން ވަރަށް ”ހަރުކަށި“ އިބާރާތުން ކުއްވެރިކޮށްފައެވެ.
އަދި އެފަރާތްތަކުން ވަނީ ރައީސް ޑރ. މުޢިއްޒު ޖުޑިޝަރީއަށް އަތް ނުބާނާނެ ކަމަށް ވިދާޅުވެ، އިތުރުފުޅު ހެއްދެވުމަށް ފަހުގައި ފަނޑިޔާރުގެއަށް އަތް ބާނައި ޤާނޫނާއި ޚިލާފަށް ކޮމިޓީ މަރުހަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާކަންވެސް އިދިކޮޅު މައި ޕާޓީކަމުގައިވާ އެމްޑީޕީއިން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާޙިރު ފަޑިޔާކަމުން ވަކިކުރުމަކީ އަދުލު އިންސާފު ޤާއިމުކުރުގެ ބާރު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެއްކަމަށް އެމްޑީޕީއިން ބުނެއެވެ.
ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޙިލާފަށް ކަމަށާއި މިއީ ރާއްޖޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއްކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ވަނީ ޑރ. އަޒްމިރަލްޑާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މަޢުލޫމާތު ޔޫރަޕިއަން ޕާލަމެންޓާ ވެސް ޙިއްޞާކޮށްފަކަން ފާހަގަކުރެވެއެވެ. ބެލްޖިއަމްގެ ބްރަސެލްސްގައި މިމަހުގެ 14 ވަނަ ދުވަހުއޮތް އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމްއެވެ.
ދި ޑިމޮކްރެޓްސް ޕާޓީގެ ބާނީ އެއީ ކުރީގެ ރައީސް ނަޝީދު ވެސް ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރާ ކަމަށާއި އެހެން އެކަން ނުކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ޤާނޫނުއަސާސީ ބައްޓަންކޮށްފައިވަނީ އުއްމީދު ކުރެއްވިގޮތާ ޙިލާފަށް، ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއްގެ ގޮތުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ފަނޑިޔާރުން ވަކިކުރުމާއި ގުޅިގެން ކުރީގެ ރައީސް ޔާމީންވެސް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން މުޅި ފަނޑިޔާރުގެ އޮތީ ”ކިސަޑު“ ބުރާ ހަޑިވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓު ބަދަލުކުރަނީ ޚުދުމުހުތާރުކޮށް އަމަލުކޮށް ބާރުތައް މުށުތެރެއަށް ލުމަށް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ޑރ. އަޒްމިރަލްޑާއާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރިޔަސް އެދެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމެއް ނުގެއްލޭނެ ކަމަށް ރައީސް ޔާމީން މިފަހުން ބޭއްވެވި ޕީއެންއެފް ޖަލްސާގައި ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މިވަނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްޢަޤުވާމީ ގިނަ ޖަމާއަތްތަކުން ވެސް އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައި ވަނިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.
އދ. އިންވެސް މި ދެ ފަނޑިޔާރުން ވަކިކުރުމުން ކަންބޮޑުވުން ފާޅުކޮށް އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ޙާއްޞަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެންކަމަށެވެ.
މިގޮތުން ފަނޑިޔާރުން ހަމައެކަނި ވަކިކުރެވޭނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ނުވަތަ މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި އެކަންކަން ބެލުމަށް އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހުކަމަށް މާގަރެޓް ވިދާޅުވެފައިވެއެވެ.
ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޖުޑީޝަރީއަށް ނުފޫޒުފޯރުވައި ފަނޑިޔާރުންތަކެއް ފަނޑިޔާރުކަމުން ވަކިކުރިކަމަށް އިދިކޮޅު ފަރާތްތަކުން ތުޙުމަތުކުރާއިރު ފާހަގަކޮށްލެވެނީ ދާދި އިހަކަށްދުވަހު މުޅި ދުނިޔޭގެ ސަމާލުކަމަށް އައި 15 ގަޑިއިރުގެ ދިގު ނިއުސްކޮންފެރެންސްގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު އެމަނިކުފާނު ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނޭކަމަށް ވިދާޅުވެފައިވާކަމެވެ.

































