މިދިޔަ މަހު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ދަށްވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޭޕްރީލް މަހު ފުލުހުންނަށް ޖުމްލަ 738 މައްސަލަ ހުށަހަޅާފައިވެއެވެ. މިދިޔަ މާރިޗު މަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 757 މައްސަލައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުމްލަ 980 މައްސަލައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލްމަހާއި، އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލްމަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަށް މިވަނީ ދަށްވެފައެވެ.
އޭޕްރީލް މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން ވައްކަމުގެ 199 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭޕްރީލް މަހު 2 ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 170 މައްސަލަ ހުށަހަޅާފައިވެއެވެ.
ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކަށްފަހު ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 151 މައްސަލަ ހުށަހަޅާފައިވެއެވެ.
އޭޕްރިލްމަު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާލާއިރު
• ވައްކަމުގެ 199 މައްސަލަ
• ޓްރެފިކް އެކްސިޑެންޓްތަކުގެ 170 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 151 މައްސަލަ
• އެއްޗެހި ގެއްލިގެން 71 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 33 މައްސަލަ
• އަނިޔާކުރުމުގެ 43 މައްސަލަ
• ގެވެށި އަނިޔާގެ 24 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ
• ފޭރުމުގެ 12 މައްސަލަ
• ޚިޔާނަތުގެ 11 މައްސަލަ
• ފޯޖް ކުރުމުގެ 4 މައްސަލަ ހިމެނެއެވެ.

































