ދިވެހި އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަންޖެހޭ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސްގެ ވާހަކަފުޅުގައި ފާއިތުވި 20 އަހަރު ވަންދެން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށްފައިނުވާކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެނިހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ ހަނގުރާމައެއް ކުރުމަށް ނޫން ކަމަށެވެ. އެހެނަސް، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުން މުޙިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އިކޮނޮމިކް ޒޯން އަޅުގަނޑުމެން އަމިއްލައަށް ޙިމާޔަތްކުރުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން ޖެހޭނެކަން ރައީސްގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތަށް ވަނީ ތުރުކީ ވިލާތުގެ އެހީގައި އެންމެ ފަހުގެ ޑްރޯންތަކެއް ބޭނުންކުރަން ފަށައިފަކަމަށާއި އަދި، ޑޯގަން ކްލާސްގެ މިސައިލް ފޮނުވޭ މަނަވަރުތަކެއް ވެސް އެ ޤައުމުގެ އެހީގައި އެމްއެންޑީއެފްގެ ފްލީޓަށް ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
”ފަޚުރުވެރި މިނިވަން ޤައުމެއްވީމަ ދިފާޢީ ބާރުގައި ޤާބިލުކަން ބާރުވެރިކަން ހުންނަންޖެހޭނެ. ގާތްގަނޑަކަށް 25 އަހަރުވީ އެ އުޅަނދުތަކަށް އަޅާނުލައި އޮންނަތާ. ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ކުރާކަށް ނޫން. ކުރިން ހުރި އެއްޗެހި ނުވެސް ދުވަނީ.“ ރައީސް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ދައުލަތުން އިންވެސްޓު ކުރަނީ އެހެން ކަންތައްތައް ނުވަތަ އެހެން މަޝްރޫއުތައް ހުއްޓާލާފައި ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަކީ ބޮޑު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑު ވަރުގަދަކުރުން މުހިންމު ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓު ކުރާ މީހުންގެ އިތުބާރާއި ޔަޤީންކަން ލިބެން އޮތީ އެ ބޮޑު ސަރަހައްދު ހިމާޔަތްކޮށް ރަނގަޅަށް ބަލަހައްޓައިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށްދިނުމަށް، ވަސީލަތްތަކާއި މީހުން ތަމްރީނުކުރުމުގެ ގޮތުން ބޭރު ޤައުމަކުން އެހީވާން ބޭނުންވާނަމަ އެކަމަށް މަރުޙަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރީ ނުފޫޒު ހިންގުމަށް ނުވަތަ އަސްކަރީން ޤާއިމުވެ ތިބުމަށް އެއްބަސްނުވާނެ ކަމަށް ރައީސް ސާފުކޮށް ވިދާޅުވިއެވެ.
”އެއީ ކިތަންމެ ބޮޑު ޤައުމެއް ކަމަށް ވިޔަސް، ކިތަންމެ ކައިރި ޤައުމެއް ކަމުގައި ވިޔަސް، އަދި އެ ޤައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް އެހެން ކަންކަމުގައި ދޭ ޤައުމެއް ވިޔަސް އަޅުގަނޑުމެންނަކަށް މުހިންމެއް ނުވާނެ އަޅުގަނޑުމެންގެ މިނިވަންކަމަށް ސުވާލެއް އުފެދޭނަމަ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ޚިދުމަތް ވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި ޚިދުމަތުގެ ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

































