ޙައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މާލޭގައި ޒުވާނުން ކުރަމުންދާ މުޒާހަރާ ލީޑް ކުރަމުންދިޔާ ދެޒުވާނުން ހައްޔަރު ކުރުމާއި ގުޅިގެން އެދެޒުވާނުން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް މޯލްޑިވްސް ޑިމޮކްރަޓިކްޕާޓީން (އެމްޑީޕީ ން) ގޮވާލައިފިއެވެ. އެމްޑީޕީން މިގޮތަށް ގޮވާލާފައިވާނީ ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުން ބޭއްވި މުޒާހަރާގެ ދެބައިވެރިން ކަމަށްވާ އާއިޝަތު ޝިމަން އަހްމަދާއި، އަބްދުﷲ މަޙްޒޫމް މަޖީދު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެދެޒުވާނުން ހައްޔަރުކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ޕޭޕަރ ސްޕްރޭ ޖަހައިގެން ކަމަށްވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އެއްވެ އުޅުމުގެ މިނިވަން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށްވާއިރު އެހައްޤު ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާއި އެކު ރޫޅާ ލުމަކީ ސަރުކާރު ގޮތްހުސްވެ ހެއްދެވި ބޮޑު ގޯހެއް ކަމަށްވެސް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

































