ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގައި އަންހެން ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބުދަދުވަހު ނިމުނު ”އަންހެންވެރިންގެ ސައްލާ“ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކަމަކަށް ބެލިޔަސް ދިވެހިރާއްޖޭގައި އެންމެ ކުރިގައި އުޅެނީ އަންހެނުންކަން އެއީ ކޮންމެ ބޭފުޅަކު ވެސް މިއަދު ޤަބޫލުފުޅުކުރައްވާ ޙަޤީޤަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
މިގޮތުން ލާމަރުކަޒީ ނިޒާމުގައި، ކައުންސިލްތަކަކީވެސް އަދި ޑަބްލިޔު.ޑީ.ސީ ތަކަކަކީވެސް އޭގެ ޒާތުގައި ސަރުކާރުގެ ފަށަލައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން“ މިނިސްޓަރ ވިދާޅުވިއެވެ.
އޭޕްރިލް 29 އިން 30އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ ”އަންހެންވެރިންގެ ސައްލާ“ އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުންކަން ފާހަގަކޮށްލެވެއެވެ.
މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އތމ ކޮމިޓީގެ މެންބަރުންގެ ތެރެއިން 59 މެންބަރަކު ބައިވެރިވެލެއްވިއެވެ.
ބުދަ ދުވަހު ނިމުނު އަންހެންވެރީންގެ ސައްލާގައި ބައިވެރިވި ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި މިފަދަ ސައްލާތައް ގިނަގިނައިން ބޭއްވުމަކީ އެ ބޭފުޅުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަރުވާ ދެމެހެއްޓުމުގައި ވަރަށް މަތިވެރި ހިތްވަރެއް ލިބިގެންދާކަމެކެވެ. އަދި ނިމުނު މަސައްކަތު ބައްދަލުވުމުން ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފައިވާ ކަމަށް ސައްލާގެ ބައިވެރިން ޤަބޫލުކުރެއްވިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ސިލްސިލާކޮށް ގެންދިޔުމަށް ނިންމާފައިވާ ސައްލާތަކުގެ ދެވަނަ ބުރު ކައިރި ތާރީޚެއްގައި ބޭއްވިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

































