އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކާއި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް ހަނދާން އާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތައް ސަރުކާރު އިސްވެ، ހަނިކުރަމުންދާ ދަނޑިވަޅެއްގައި އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާ އެކު މަސައްކަތް ކުރުމުގެ އަޒުމު ކަނޑައެޅުމުގެ ފުރުސަތު ވެސް މި ދުވަހު ލިބޭ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް ކަމަށެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން އަންނަނީ މިރޭ އެއްވުމެއް ބާއްވަން ވެސް ތައްޔާރުވަމުންނެވެ.

































