18 އޭޕްރިލް 2025 ވީ ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުން އަންހެންކުޖާ އަށް އިންސާފުހޯދުމަށް، މާލޭގައި ޒުވާނުން ބާއްވަމުންގެންދާ ސުލްޙަވެރި މުޒާހަރާތަކާއި ގުޅިގެން މާލޭ ސިޓީކައުސިލްގެ މައްޗަށް ހުރިވާޖިބުތަކެއް ހާމަކޮށް ، މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.
މާލޭސިޓީކައުންސިލަށް މިއަދު ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ގަލޮޅު އުތުރުދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ސައިފް ފާތިޙް އާއި ގަލޮޅުހުނޅަގު ދާއިރާގެ ކައުންސިލް މެމްބަރު މަރިޔަމް ނާޒިމާ ފާއިޒު އެވެ.
މި ދެކައުންސިލަރުން ސޮއިކޮށް ފޮނުވި ސިޓީގެ ކޮޕީއެއް އެންނިއުސް އަށް ވަނީ ލިބިފައެވެ. އެސިޓީގައި ހަތަރުކަމަކަށް އެދިފައެވެ. އެގޭތެރޭގައި ހިމެނެނީ:
1. އިންސާފު ހޯދާން ހިންގާ ޙަރަކާތްތަކަށް މާލޭގެ މަގުތަކާއި، ހުސްޖާގަތަކާއި، ޕާކުތައް ހުޅުވިގެންވާކަން އޮޅުމެއްނެތި ބަޔާންކޮށް، އިންސާފަށް އެދި ގޮވާ އަޑުތަކަށް ހިތްވަރު ދިނުމާއި،
2. އެއިން ޙަރަކާތަކަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލުމާއި،
3. ސަރުކާރުގެ ނުފޫޒުގަދަ ބައެއްގެ ގާތްތިމާގެ ބަޔަކު މީހުން ފިލުވުމާއި ރެކުވުމާއި ސަލާމަތްކުރާން ފުލުހުން ޢަމަލުކޮށްފައިވާގޮތުން ތަޙްޤީޤުގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކޮށް، އިންސާފުވެރިކަމާއި ޕްރޮފެޝަލް މިންގަނޑުގައި ދެފުށްފެންނަ ގޮތުގައި ހިންގާން ސަރުކާރާއި ފުލުހުންނަށް ގޮވާލުމަށާއި،
4. މިމައްސަލައިގައި ސަރުކާރާއި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ މިނިވަން އިންކުއަރީއެއް – މުޒާހަރާގެ ބައިވެރިންގެ ފަރާތުން ނޮމިނޭޓުކުރާ މަންދޫބުން ހިމަނައިގެން ކުރިއަށްގެންދާން ސަރުކާރަށް ގޮވައިލާން
އެސީޓިގައި އިތުރަށް އެދިފައިވަނީ ކައުންސިލްގެ ޖަލްސާގައި މަޝްވަރާކޮށް، ފާސްކޮށް، އެކަން ބަޔާނެއްގެ ސިފައިގައި ޢާންމުކުރުމަށާއި، އެކަމަށް ސިޓީކައުންސިލް ގެ އަޣްލަބިއްޔަތު ނުރުހޭނަމަ، އެދޭ ކައުންސިލް މެންބަރުންގެ ސޮޔާއެކު އެފަދަ ބަޔާނެއް ޢާންމުކުރުމުގެ އެފުރުސަތު ފަހިކޮށްދޭން ދެކައުސިލަރުން މޭޔަރ ގެ ކިބައިން ވަނީ އެދިލައްވާފައެވެ.

މާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ސުލްޙަވެރި މުޒާހަތާކެއް ކުރާތާ މިހާރު ތިންރޭވަނީ ވެފައެވެ. އަދި ސިލްސިލާކޮށް މުޒާހަރާތައްދަނީ ބާއްވަމުންނެވެ. އެޒުވާނުން ގޮވާލަމުންގެންދަނީ ފުރާޅުމައްޗަށް ވެއްޓުން އަންހެންކުއްޖާއަށް އިންސާފު ލިބިދިނުމަށެވެ. އަދި ކަންހިގޮތުގެ ތެދުމައުލޫމާތު ފުލުހުން ހިއްސާކުރުމަށެވެ. ޒުވާނުން ބާއްވަމުންގެންދާ ސުލްޙަވެރި މަގުމަތީ މުޒަހަރާތަކަށް އަންނަނީ ވަރަށް ބޮޑުތަރުހީބެއް ލިބެމުންނެވެ. އަދި ރެއަކަށް ފަހު ރެއެއް އެއްވާ ޒުވާނުން ދަނީ އިތުރުވަމުންނެވެ.

































