ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު 349 ދަރިވަރުންގެ ދަސްވެނިވެއްޖެއެވެ.
ދަސްވެނިވުން ކުރިއަށް ގެންސްފައިވަނީ އެމްއެންޔޫގެ މައި މަރުކަޒުގައި ބުރާސްފަތި ދުވަހުގެ ރެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ފަހަރު 9 ފެކަލްޓީއަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސްކޫލް އޮފް ނާސިންގގެ 101 ދަރިވަރުން އަދި ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން ހިމެނެއެވެ.
ހަމައެހެންމެ ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުންނާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީސްގެ 8 ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއަރ އެންޑް ލޯގެ 18 ދަރިވަރުން ހިމެނެވެ.
މީގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސްއިން ދަސްވެނިވި 20 ދަރިވަރުންނާއި ފެކަލްޓީ އޮފް އިންޖީނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި، ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ 3 ދަރިވަރުންނާއި، އެމްއެންޔޫ ބިސްނަސް ސުކޫލުގެ 44 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގްގެ މާސްޓާރސް ޕުރޮގްރާމް ނިންމާފައިވާ 17 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
ޤައުމީ ޔުނިވަސިޓީގެ ދަސްވެނިވުން ކުރިއަށް ގެންގޮސްފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ.
އެގޮތުން، ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި، ތިންވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.
މި ތިން ސެޝަންގައި ވެސް ބެޗްލާ ޑިގްރީއާއި މާސްޓާ ޑިގްރީ ހާސިލްކުރި ދަސްވެނީންނަށް ސަނަދުތައް ތައުކީދުކޮށްދެއްވީ، ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރިއަށްދިއުމަށްޓަކައި ވިސްނުންތެރިކަން އިސްކޮށް، ކަންތައްތައް ހާސިލްކުރުމަށް އިސްކަންދިނުމަށެވެ. އަދި އެ ދަރިވަރަކު ކުރާ ކަމަކަށް ކަމޭހިތާ، އަބަދުވެސް އާ ކަންތައް ދަސްކުރުމަށް ތައުލީމު އިތުރަށް އުނގެނުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވިއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރުވެރިކަމުގެ ނިޝާނެއްކަމަށާއި އަދި ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއްކަމުގައިއެވެ. އަދި މި ޔުނިވަރސިޓީއަކީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ، ރާއްޖޭގެ މާޒީއާއި މުސްތަޤްބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަމުގައިވެސް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވަނީ ވަގުތުގެ މުހިންމުކަމާ ގުޅޭ ވާހަކަތަކެއް ހިއްސާކޮށްދެއްވައިފައެވެ. އެގޮތުން، ދިރިއުޅުމުގައި ކަންކަން ކުރާއިރު، އަމިއްލަ ކުރިއެރުމަށް ކަންކަން ކުރުމަށް އަބަދު ވެސް ހަނދާންކުރުމަށް ދަސްވެނީންނަށް ނަސޭހަތްތެރިވެފައިވެއެވެ.

































