ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން އަޅުގަނޑުމެންގެ މުޅި މުޖުތަމަޢު ތަރައްޤީކޮށް، މުޅި މުޖުތަމަޢު ބިނާކުރުމުގައި، ޚާއްޞަ ގޮތެއްގައި، ދީނީ ރޫޙު އާލާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ޙަޤީޤީ މާނާގައި ތަރައްޤީއަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުން ކަމަށާ، ޤައުމުގެ މުހިއްމު ކަންކަމާ ޙަވާލުވެގެން މި ޤައުމު އާރާސްތު ކުރުމަށްޓަކައި، ޤައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އެންމެ ވަރުގަދަ މަސައްކަތެއް ކުރެވޭނެ ބަޔަކީ ޒުވާނުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން ޒުވާނުންނަކީ ޒިންމާދާރުކަމާއެކީގައި، ޤައުމަށް ދިމާވާ ކޮންމެ މައްސަލައެއްގައި ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވާ، ފާސިޤުކަމާއި އަދި ފަސާދައިގެ ތެރޭގައި ނުޖެހި، ޤައުމު ދެމެހެއްޓުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކު ކަމުގައި ވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
ހިންމަފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ނަތީޖާ ފާޅުކުރި، ދެ މުބާރާތުގައި ބައިވެރިވެ ކާމިޔާބު ހޯއްދެވި އެންމެހައި ދަރިވަރުންނާ އެ ދަރިވަރުންގެ ޢާއިލަތަކަށް ޢިޚްލާޞްތެރި ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މުބާރާތުގައި ބައިވެރިވި އެންމެހައި ދަރިވަރުންނާ އެ ދަރިވަރުންގެ އާއިލާތަކާ، އަދި އެ ކަމުގައި ޝާމިލްވި އެންމެހައި ފަރާތްތަކުގެ މަސައްކަތު އަގުވަޒަންކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.
ހިންމަފުށީގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ ފަދަ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކޮށް، ޚާއްޞަކޮށް އެ ދަރިވަރުންނަށް ކާމިޔާބު ލިބިގެން ދިޔުމަކީ ބެލެނިވެރިންނަށް ޚާއްޞަ އުފަލެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރައްވާ، ގިނަ ޢަދަދެއްގެ ބެލެނިވެރިން ބުރާސްފަތި ދުވަގެރޭގެ ޙަފްލާގައި ބައިވެރިވިކަން އެއީ ޖަލްސާގެ އެންމެހައި ހާޟިރީންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ ޤުރްއާން މުބާރާތާއި، 2 ވަނަ ބަންގި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޚާއްޞަ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ޙާވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ހޯދާ ޙައްޖު ކޯޕަރޭޝަނުން ދެއްވި ޢުމުރާ ދަތުރު ހޯއްދެވީ ތަމްކީން ޙުސައިނެވެ.
ބުރަސްފަތި ދުވަހުގެރޭ ހިންމަ ފުށީގައި އޮތް މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަނާރާ ނަޢީމާއި، ހިންމަފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.

































