އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްއާއި ޓޭބަލް ޓެނިސް އެކެޑެމީގެ އެޑްވައިޒަރު އަޙުމަދު ލަޠީފު އަދި އެކެޑެމީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި ބައްދަލުވުމުގައި މާލޭގެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން މި ކުޅިވަރު ޕްރޮގްރާމްގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ލިބިގެންދާނެ ފައިދާތަކާއި އަދި އެއްޖީލު އަނެއްޖީލުގެ މެދުގައި ހުންނަ ހުސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެވުނެވެ.
އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން، ތަފާތު ހަރަކާތްތަކާއެކު ހިންގާ އިސްރަށްވެހިންގެ ނާދީއަކީ، މިހާރު ގިނަ އަދަދެއްގެ އިސްރަށްވެހިން ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒެކެވެ. އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ ހަރަކާތްތަކުގައި 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވިފައިވާލެވިފައެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.


































