މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިރޭ ކިންގް ސަލްމާން މިސްކިތުގައި މަޣްރިބް ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރްކަޒުގައި ޝައިހް ޑރ. ސަލާހުލްބުދައިރު އިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށް ފަހު ޙާއްޞަ އިސްލާމީ ދަރުހެއް ދެއްވުން އޮންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.
ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ އިމާމު ޑރ. ޞަލާޙުލްބުދައިރު ހުކުރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ އެންމެހާ ކަންތައްތަކެއް ކުރިއަށް ދަނީ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ. މި ހަފުތާ ހޯމަ ދުވަހު އިމާމު ބުދައިރު ރާއްޖެ ވަޑައިގެންފައިވާ އިރު، އަންގާރަދުވަހު އެމަނިކުފާނު ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ޒިޔާރާތްކުރައްވާފައެވެ. އަދި އިސްލާމީކަންކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ހުކުރު މިސްކިތަށް ވެސް ވަޑައިގެންނެވިއެވެ.

































