ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގެ ޕްލެޓްފޯމް ”ވަޓްސްއެޕް“ ގައި ރަސްމީ ޗެނަލެއް އުފައްދަވައި ޢާއްމުންނަށް މަޢުލޫމާތު ހިއްސާކުރައްވަން ފައްޓަވައިފިއެވެ. މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ ވަޓްސްއެޕް ޗެނަލާ ގުޅުމަށް އެންމެހާ ރައްޔިތުނަށް ދައުވަތު ދެއްވައިފައެވެ. އެމަނިކުފާނުގެ ވަޓްސްއަޕް ޗެނަލް މެދުވެރިކޮށް ދުވަހުގެ އަދާހަމައިގެ އިތުރުން މުޙިއްމު މަޢުލޫމާތާއި މެސެޖު ފޯރުކޮށްދެއްވާނެއެވެ.
ވަޓްސްއަޕް ޗެނަލް މެދުވެރިކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާ ކުރައްވަން ފެއްޓެވިއިރު ރައީސް ގެންދަވަނީ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ރައްޔިތުންނާ ގާތުން މަޢުލޫމާތު ޙިއްޞާ ކުރައްވަމުންނެވެ.
އެގޮތުން ކޮންމެ ބުރާސްފަތި ދުވަހަކު ”ރައްޔިތުންނާ އެކު“ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓް މެދުވެރިކޮށް ގިނަ މަޢުލޫމާތުތަކެއް ޙިއްޞާ ކުރައްވައެވެ. އަދި، ”ރައީސްގެ ޖަވާބު“ ގެ ނަމުގައި ޢާއްމުންގެ ސުވާލުތަކަށް ރައީސް ގެންދަވަނީ ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންނާ އެކު ނަމުގައި ކުރިއަށްގެންދެވި ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑްގައި، އޭޕްރީލް 17 ވަނަ ދުވަހު ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޢުލޫމާތު ހިއްސާކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށެވެ.

































