މައިކު އަތުޖެހުމުން ”ދުނިޔެ ރަންވެ“ ހޭބުއްދި ލުހި އަނބިދަރީންނާއި ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަކަމަށް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ މި ހެން ވިދާޅުވެފައި މިވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް ގެ ޖަލްސާގައި ޖަމީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ.
ބުރަސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ވަޒީރު ސައީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މިގޮތުން ވަޒީރު ސައީދު ވިދާޅުވީ ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތަޢުބާވާން މަޖުބޫރު ހިސާބަށް ދާކަމަށެވެ.
މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށްވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، 2007 ވަނަ އަހަރުވެސް ޖަމީލްގެ ފަރާތުން ފެނިގެންދިޔައީ މިފަދަ މަންޒަރެއް ކަމަށާއި، 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ. އަދި މައިކު އަތުޖެހުމުން ”ދުނިޔެ ރަންވެ“ ހޭބުއްދި ލުހި، އަނބިދަރީންނާއި ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަ ކަމަށް ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، މިކަހަލަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސް މުޢިއްޒަކީ ހަރުދަނާ، މަޑުމައިތިރި އަދި ރީތި އަޚްލާޤުގެ ވެރިއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކާމިޔާބުވަމުންދާތީ ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން މިހެން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ. ކަމަށާއި ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ޤައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ ކަމަށާއި. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން.ކަމަށްވެސް ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޖަމީލުގެ އިތުރުން ރައީސް ޔާމީންވެސްވަނީ ރައީސް ޑރ. މުޢިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


































