ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުމެއް ހޮނިހިރު ދުވަހު މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު އޮންނަ މި ހިނގާލުން ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:15 ހާއިރު އެވެ.
މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ސިފައިންގެ ލަޝްކަރު މަޑުކުރާނެއެވެ. އަދި، ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެއެވެ

































