ނ. ހޮޅުދޫގައި ޒަޙަމްތަކަކާއެކު މަރުވެފައި ވަނިކޮށް ފެނުނު ޒަކިއްޔާ މޫސާގެ ވާރޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމަށް ޒަކިއްޔާގެ ޢާއިލާއިން ބުނެފިއެވެ.
ޒަކިއްޔާގެ ޢާއިލާގެ ފަރާތުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ ބުރާސްފަތިދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީގެ މަޢުލޫމާތު ހޯދުމަށް 10އޭޕްރިލް 2025ގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީއެންޑް ޓެކްނޯލޮޖީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާކަމަށް ޒަކިއްޔާގެ އާއިލާއިން ވަނީ ބުނެފައެވެ.
ނަމަވެސް މިމަހުގެ 15 ގައި ފުލުހުންގެ އެދުމަށް ފުލުހުންގެ ބައެއް އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ޒަކިއްޔާގެ ވާރޗުއަލް އޮޓޮޕްސީއެއްހަދާފައިވާ ކަމަށް ފުލުހުން ބުނާ އިނގިރޭސި ޑޮކިއުމަންޓެއް ދެއްކި ކަމަށް ބަޔާނުގައިވެއެވެ.
އެއްބަދަލުވުމުގައި ފުލުހުން މަޢުލޫމާތު ދެއްވީ ދިވެހި ބަހުން ތަރުޖަމާކޮށްފައިވާ ކަމަށް އެބޭފުޅުން ވިދާޅުވާ އެއްޗަކަށް ބައްލަވައިގެންކަމަށް ޢާއިލާއިން ބުނެއެވެ. އަދި އެ ޑޮކިއުމަންޓް ފުލުހުންގެ އަތުގައި ބޭއްވުމަށްފަހު ފޮޓޯ ހިމެނޭ ޞަފްޙާތައް މަތިމަތިން ދުރުން ބަލާލުމުގެ ފުރުޞަތު ލިބުނުކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.
ޢާއިލާއިން ބުނީ އެޑޮކިއުމަންޓަކީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އެއިމްސްގެ ފަރާތުން ހޯދާފައިވާ ބައެއް ޖަވާބުތަކެއް ހިމެނޭ ކަރުދާހެއް ކަމަށެވެ. އަދި އެ ރިޕޯޓުގެ ފުރަތަމަ ޞަފްޙާ އާއި ފަހު ޞަފްޙާވެސް ފެނިފައިނުވާ ކަމަށް ޢާއިލާއިން ބުނެފައިވެއެވެ. އަދި އެރިޕޯޓުގައި ސޮއިކުރީ ކޮންބައެއްކަންވެސް އެނގިފައި ނުވާކަމަށް ޢާއިލާއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
ހަމައެހެންމެ އެ ޑޮކިއުމެންޓްގެ މަތީގައިވާ ސުރުޚީގައި ވާރޗުއަލް އޮޓޮޕްސީ ރިޕޯޓުގެ ބަދަލުގައި އޮތީ އެކްސްޕާޓް އޮޕީނިއަން ކަމަށާއި އެ ޑޮކިއުމަންޓުން އެންމެ ކުޑަމިނުން ޒަކިއްޔާ މޫސާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައިވަނީ ކޮޅަށް ހުރުގެން ކަމެއް ނުވަތަ އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެންކަންވެސް ސާފު ނޫން ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.
އޭގެއިތުރުން ޒަކިއްޔާގެ ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކުގެ ފުންމިން ފަދަ މުހިންމު މަޢުލޫމާތު ރިޕޯޓުގައި އެނގެންނެތް ކަމަށާއި އޭގައި ހިމެނޭ 4ގަނޑު ފޮޓޯ އަކީ ހަމައެކަނި ޙާދިސާގެ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
“މަރުޙޫމާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު އަދި އެ ޑޮކިއުމަންޓުގައި އޮތީ ޢާންމު އުޞޫލުން ރިޕޯޓެއް އޮންނަ ފޯމެޓަކަށް ކަމުގައިނުވާއިރު އަދި އޭގައި ސުވާލާއި ޖަވާބު ތަކެއް ހުރުމުން ބޮޑަށް ޤަބޫލުކުރެވެނީ އެއީ ރިޕޯޓެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ފުލުހުން ފޮނުވި ފޮޓޯތަކާއި ސުވާލުތަކުގެ މައްޗަށް ބިނާކޮށް އެބޭފުޅުން ދެއްވާފައިވާ ރަޢުޔެއް ކަމަށެވެ.” ޢާއިލާއިން ބުނެފައިވެއެވެ.
އަދި އެ ރަޢުޔަކީވެސް ޤާނޫނީ ގޮތުން ބޭނުންކުރެވޭފަދަ ރަޢުޔެއްކަމަށް ޤަބޫލުނުކުރާ ކަމަށާއި އެ ޑޮކިއުމަންޓް ތައްޔާރުކުރެވުނީ ޑިޕްލޮމެޓިކް ޗެނެލުން ކަމަށްބުނެ ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާޢު ފުލުހުން ނަންގަވާތ،ީ ތަޙްޤީޤަށް ނުވަތަ ޝަރީޢަތަށް ވަކިކަމެއް ނުވަތަ ވަކި ވާޤިޢާއެއް އޮތް ކަމަށް ނިންމުމުގައި އެ ޑޮކިއުމަންޓަށް ރިޢާޔަތް ކުރެވޭނެ ކަމަށްވެސް ޢާއިލާއިން ޤަބޫލު ނުކުރާ ކަމަށް ޢާއިލާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.
“އެހެންކަމުން، ޢާއިލާގެ ފަރާތުން މިދެންނެވުނު ސަބަބުތަކަށްޓަކައި އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަމެވެ. އޭގެބަދަލުގައި އެއީ ޞައްޙަ ރިޕޯޓެއްނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާއެކު ފުރުޞަތު ދޭންނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެމެވެ. އަދި މިގޮތުންވެސް މަޢުލޫމާތު ނުލިބިއްޖެނަމަ ކުރިއަށްހުރި މަރުޙަލާތަކުގައި ޝަރުޢީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާގުޅޭ އަމުރަކަށް އެދުމަށް ޢާއިލާއިން ގަސްތުކުރަމެވެ.” ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަކަން ހާމަކޮށް ޢާއިލާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.
ޢާއިލާގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި އެދިފައިވާނީ މި މައްސަލައިގެ ތަޙްޤީޤު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއްކަމަށް ބަޔާންކޮށް ތަޙްޤީޤު ނިންމާލުން މިވަގުތަށް މަޑުޖައްސާލަ ދިނުމަށް ކަމަށެވެ. އަދި އެ މައްސަލަ ދައުލަތުގެ އެހެން މުއައްސަސާތަކުން ބަލަމުންދާ ކަމަށާއި އެންމެ ކުޑަމިނުން ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ބެލިނަމަވެސް އަމިއްލައަށް މަރުވާންޖެހޭ ސަބަބެއް ދެނެގަތުމަކީ ތަޙްޤީޤުގައި ކުރަންޖެހޭ ކަމެއް ކަމަށް ޢާއިލާއިން ބުނެފައިވެއެވެ.
50 އަހަރުގެ ޒަކިއްޔާ ޒަހަމްތަކަކާއެކު މަރުވެފައި އޮށްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޒަކިއްޔާގެ މަރާއި ގުޅިގެން އެރަށުގެ ރައްޔިތުން މަގުތަކަށް ނިކުމެ ދޭތެރެ ދޭތެރެއިން މުޒާހަރާކުރެއެވެ. މިގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ 04:30 ގައި ހޮޅޫދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، ކަޅު ހެދުމުގައި އެ ރަށު ފޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، އިހުތިޖާޖު ކޮށްފައެވެ. މިގޮތުން އެދުވަހުގެ އިހުތިޖާޖުގެ ބައިވެރިއަކު ޒަކިއްޔާގެ މަރުގެ ފަހަތުގައި ސިއްރުތަކެއް ވާ ކަމަށާއި އެ ކަންތައް ފަސް އަޅާ ފޮރުވުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

































