އިނގިރޭސިވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފްސީއާ ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު ރައީސް މައުމޫންވަނީ ސޯޝަލްމީޑިއާގެ ޕްލެޓްފޯރމެއްކަމަށްވާ އެކްސްގައި މެސެޖެއް ކުރައްވައި ރައީސް ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ހަމައެހެންމެ ރައީސް މައުމޫންހިއްސާކުރެއްވި މެސެޖުގައިވަނީ އެމަނިކުފާނަކީ 1970 ގެ އަހަރުތަކުން ފެށިގެންވެސް ލިވަޕޫލްގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމަުން ރައީސް މުއިއްޒު އެ ޓީމާއި ގުޅިވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މަަސައްކަތްތަކެއް ފެއްޓެވުމަށް ކަނޑައެޅުއްވުމުން އެކަމާއި އުފާކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނަކީ ލިވަޕޫލަށް ވަރަށް ތާއީދު ކުރައްވާ، އެ ޓީމުގެ މެޗުތައް ޤަވާއިދުން ބައްލަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.. އަދި ރާއްޖޭގައި އޮންނަ ލިވަޕޫލް ސަޕޯޓަރުންގެ އެންޖީއޯގައި ވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް ވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) އެއީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި 1987 ވަނަ އަހަރު ތައާރަފްކުރެއްވި މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭން ބޭރަށްދާ ފުޓްބޯޅަ ޓީމުތަކަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އެހީތަކެއް ވެދެއްވާފައިވެސް ވެއެވެ
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލް މެޗު ބައްލަވަން ރައީސް މައުމޫން ސްރީ ލަންކާ އަށް ވަޑައިގެންނެވިއެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެން ހުންނެވި ނަމަވެސް 2009 ވަނަ އަހަރުގެ ފައިނަލް މެޗު ބައްލަވާލައްވަން ބަންގްލަދޭޝަށް ވެސްވަޑައިގެންފައިވެއެވެ.
ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށް އެމް އެމް ޕީ އާރުސީން ބުނެއެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން މި ކެމްޕޭންގައި ޖުމްލަ 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، އަހަރަކު އިނީޝިއަލް އިންވެސްޓްމަންޓަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ރިޓާން އޮން އިންވަސްޓްމަންޓް (އާރްއޯއައި) ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، މި ކެމްޕެއިންގައި ތަފާތު ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭކަމަށާއި އޭގެ ތެރޭގައި ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ޚާއްސަ ހަރަކާތްތަކާއި އިންޓަރެކްޓިވް ފޭން ޒޯން ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތައް ހިމެނޭނެ ކަމަށެވެ.
މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާ ފުރަތަމަ ފަހަރެވެ.


































