”ޢީދު އަލި“ ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައެވެ.
މިގޮތުން ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، މި ޢީދުގައި އަލަށް ދިއްލުމަށް ކަނޑައަޅައިފައިވާ 36 ރަށަށް ފޮނުވާ ނިމިފައިވާ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. މި ދިޔަ އަހަރު ދިއްލި ރަށްތަކާއެކު މި އަހަރު ޖުމްލަ 64 ރަށެއް ޢީދު އަލިން ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ނުފޮނުވި ހުރި ގިޑިގެތައް ވެސް ހުކުރުދުވަހު ރަށްތަކަށް ފޮނުވާ ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ ސިޓީގައި ހުރިހާ ލައިޓެއް ހަރުކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރެވެމުން ދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރު ”ޢީދު އަލި“ ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

































