މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މިޔަންމާއަށް ހުކުރުދުވަހު މެންދުރުގެ ވަގުތެއްގައި ވަނީ ބިންހެލުމެއް އައިސްފައެވެ.
މިގޮތުން އެންމެ ފުރަތަމަ ރެކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، 7.0 މެގްނިިޓިއުޑް ބާރުމިނުގައި ބިންހެލުމަކާއި 5.0 އާއި 4.9 މެންނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވާ ކަމަށް ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީ (އެންސީއެސް) ވަނީ ބުނެފައެވެ.ވަނީ ބުނެފައެވެ.
ބިންހެލުމާއި ގުޅިގެން މެޓުން ވިދާޅުވީ، މިޔަންމާއަށް ހުކުރުދުވަހު 11:32 އެހާކަންހާއިރު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް މީގެ އަސްރު ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ. މި ބިންހެލުން އައިފައިވަނީ މާލެއާއި 3،121 ކިލޯމީޓަރު ދުރުން ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.
މިޔަންމާއަށް އައި ބިންހެލުމުގެ ސަބަބުން ތައިލޭންޑުގެ ވެރިރަށް، ބެންކޮކުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައެވެ. ތައިލޭންޑުގެ ބައެއް އިމާރާތްތައް ސުންނާފަތިވެފައިވާއިރު، ބިންހެލުމުގެ އަސަރު ޗައިނާއާއި އިންޑިއާއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުންބުނެއެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ހުކުރުދުވަހު އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް އެ ޤައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

































