މިއަހަރުގެ ފިތުރު ޢީދަށް ގްރޭޓަރ މާލޭ ސަރަހައްދުގައި ލައިޓް ދިއްލުމުގެ ރަސްމިއްޔާތު މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބައްލަވާލައްވައިފިއެވެ.
މިގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ވަމުންދާ ތައްޔާރީތައް މިނިސްޓަރ ވަނީ ހޯމަ ދުވަހުގެރޭ އެ ސަރަޙައްދައް ވަޑައިގެން ބައްލަވާލައްވާފައެވެ. މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް ޕަބްލިކް ވާރކްސް ގެ ރަސްމީ އެކްސް އެކައުންޓްގައި ވަނީ މިނިސްޓަރ ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ޢީދަށް ލައިޓް ހަރުކުރުމުގެ މަސައްކަތްކަތްތައް ބައްލަވާލައްވާ ވީޑިއޯއެއް ޙިއްސާކުރައްވާފައެވެ.
ޢީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ފެއްޓެވި ހަރަކާތެކެވެ. މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒައާމަތުގައި މިދިޔަ އަހަރުގަކަން ފާހަގަކޮށްލެވެއެވެ..
މިދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށެއް ޢީދަށް ދިއްލާނެއެވެ. އަދި އެ ރަށްތައް ދިއްލުމަށް ބޭނުންވާ ސާމާނު މިހާރުވަނީ އެރަށްރަށަށް ފޮނުވާފައެވެ.
މާލޭސިޓީގައި ޢީދު ލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށާއި އެ ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެފަވެއެވެ.
މި އަހަރު ”ޢީދު އަލި“ ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

































