މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ)ގެ ޖަނާޒާ އާދީއްތަ ދުވަހު މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިޙްސާން އަބްދުލްޣަނީ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކޯޗު އިޙްސާންގެ މޫނު ދެއްކުން އޮންނާނީ އާދީއްތަ ދުވަހު ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްތާނުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.
ކޯޗު އިހުސާން ފާހަގަކުރެވިފައި ވަނީ ދިވެހި ފުޓްބޯޅަ ތާރީޙު ދުށް އެންމެ މޮޅު ކޯޗުންގެ ތެރޭގަ އެވެ. ޤައުމީ ފުޓްބޯޅަ ޓީމާއި ބައެއް ކުލަބުތަކަށް ވަރަށް ހިދުމަތް ކުރެއްވި އެވެ. ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ކޯޗު އިހްސާން އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން އަދާކުރައްވާފައިވެއެވެ.

































