ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސާންތީ ނިޔާވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައެވެ.
ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް. ކަމުގައި ރައީސް އެކްސްގައި ހިއްސާވުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
އަދި މިހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ރައީސުލް ޖެމްހޫރިއްޔާ ޑރ. މުއިއްޒު ވަނީތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހެއްޓެވުންއެދި ދުޢާ ދަންނަވަމުންނެވެ.
ދިވެހި ރާއްޖޭގެ ފުޓްބޯޅައަށް ގިނަގުނަ ހިދުމަތް ތަކެއް ކޮށްދެއްވާފައިވާ ކޯޗު އިޙްސާން އަވަހާރަވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ކޯޗު އިހުސާންއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗުކަން ފާހަގަކޮށްލެވެއެވެ. . އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދާކުރެއްވި މުހިއްމު ދައުރެވެ.
ކޯޗު އިހުސާންގެ ކެރިއަރުގައި، ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި، އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ޤައުމީ ކުޅިވަރު މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.
2023 ވަނަ އަހަރު ކޯޗު އިޙްސާންގެ ބަލިޙާލަތު ގޯސްވުމާ ގުޅިގެން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވެ އޭގެފަހުން ރަސްމީ މަޤާމެއްގައި މަސައްކަތް ނުކުރެއްވި ނަމަވެސް، ދާދި ފަހުން ބޭއްވުނު އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން އަދާކުރެއްވުމާއެކު، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފަށްވެސް ކޯޗު އިހުސާން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ކޯޗިންގް ދާއިރާގައި އިހުސާން ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިންނަށް ޚާއްޞަ އިތުބާރެއް ކުރައްވާ، ހުނަރުވެރި ކޯޗެއްގެ ގޮތުގައެވެ. އިހުސާން ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

































