ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަނުކުރައްވައިފި އެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފިހުގެ ތަރުޖަމާނު ހީނާ ވަލީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ، ސްޓޭޓް މިނިސްޓަރ ފެންވަރުގައި ، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަޞީޙް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފައިވާކަމަށެވެ.
ރިޓަޔަރޑް އަޙްމަދު ފަސީހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީޕީގެ މަޤާމު ފުރުއްވާފައެވެ. އަދި ސީޕީ އަހުމަދު ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ވެސް އަދާކުރައްވާފަކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ފަސީހު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ 2024 ވަނަ އަހަރުއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމަށް އަހުމަދު ފަސީހު އައްޔަނުކުރައްވާފައިވާއިރު އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝައްމާން ވަހީދު ވަނީ އެ މަޤާމުން ބުރާސްފަތި ދުވަހުގެރޭ ކުއްލި ގޮތަކަށް ވަކިކުރައްވާފައެވެ.
ޝަމްއާން މަޤާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވާއިރު އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް އެ އިދާރާއިން ތަހުޤީގުކުރަމުން އަންނަކަމަށްބުރާސްފަތި ދުވަހުގެރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

































