ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ ދަށުން އައުޓް ޕޭޝަންޓް ޚިދުމަތް ލިބޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސަވައިފިއެވެ. މިގޮތަށް ދިންނަމަވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ފުރަތަމަ ޚިދުމަތަށްފައިސާ ކަނޑާނީ ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސް އިންނެވެ.
އާސަންދަ އިސްލާޙުކޮށް އެނިޒާމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އައުޓް ޕޭޝަން ޚިދުމަތް ނުވަތަ އެނދުމަތި ނުވެ ހޯދާ ޚިދުމަތްތަކަށް އާސަންދަވަނީ ކަނޑާލަފައެވެ. އަދި މިފަދަ ފަރާތްތަކުގެ ޕްރައިވެޓް އިންޝުއަރެންސްގެ ޕެކޭޖް ހަމަވުމުން އާސަންދައިން ޚިދުމަތަށް އެދެވޭގޮތަށް މިދިޔަ އަހަރުގެ ތެރޭގައިވަނީ ހަމަޖައްސަވާފައެވެ. އެހެންނަމަވެސް މިކަމުގައި އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާއެކު އާސަންދައިންވަނީ މިކަން ބަދަލުކުރައްވާފައެވެ.
ބުދަ ދުވަހުން ފެށިގެން އާސަންދައިންވަނީ އަނެއްކާވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ކޮންސަލްޓަންޝަން ފީ، އިންޝުއަރެންސްއިން ކެނޑުމަށްފަހު ބާކީ އާސަންދައިން ކަވަރކުރާގޮތަށްވަނީ ހަމަޖައްސަވާފައެވެ. އާސަންދަ ކުންފުނިން ވިދާޅުވީ، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެނދުމަތި ނުވެ ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކަށް އާސަންދަ މެދުވެރިކޮށް މިއުސޫލުގެ ދަށުން ޢަމަލުކުރަން ފަށާނީ މި މާރޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، މިގޮތަށް ހަމަޖެއްސިނަމަވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްކަށް ފުރަތަމަ ފީއަށް ކަނޑާނީ، ޕްރައިވެޓް އިންޝުއަރެންސްއިންކަމަށާއި އެއަށްފަހު ބާކީ ވާ އަދަދު އާސަންދައިގެ ލިމިޓުގެ ތެރެއިން ކަނޑާނެކަމަށެވެ. އަދި މިއީ އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

































