މާލޭސީޓީއަށް ބޯކޮށްވާރޭވެހި ބައެއްމަގުތަކުގައި ފެންބޮޑުވުމާއިގުޅިގެން ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މިވަގުތު ފެންހިއްދުމުގެ މަސައްކަތް ކުރަމުންގެންދާ ސަރަހައްދު ތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަހައްދު، ވެސްޓްޕާރކް ސަރަހައްދު އަދި މާފަންނު ފެރީ ޓާރމިނަލް ހިމެނޭކަމުގައެވެ. އަދި
ޢާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރި ވަމުނަދާކަމުގައެވެ.
މިއަދު މެންދުރުން ފެށިގެން ޢާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ސިފައިވަނީ ތައްޔާރު ވެފައެވެ.

މާލެއަށް ކުރިޔަށްއޮތް ދެދުވަހު ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ސިފައިންވަނީ، ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ.
މާލެސިޓީ އަށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު، ރެޔެއް ދުވާލަކަށް ބެލުމެއްނެތި ދިވެހި ފަޚުރުވެރި ސިފައިން ފޯރުކޮށްދެމުންދާ ޤައުމީ ޚިދުމަތަކީ ޝުކުރުހައްޤު ޚިދުމަތެކެވެ.
ޤައުމަށް ދިމާވާ ކޮންމެ ބޮޑުހާދިސާތއެއްގައި އެންމެ ކުރީސަފުގައި ދިވެހި ސިފައިންގެ ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ އެތައް މުދަލެއް ރައްކާތެރި ކުރެވިގެންދާކަން ފާހަގަކުރަން ޖެހެއެވެ. ދިވެހި ސިފައިންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެއްކަން ދަނީ ޟާބިތުކޮށްދެމުންނެވެ.


































