ރާއްޖޭގެ އެންމެ މުހިންމު އާސާރީ ތަންތަނުގެ ތެރެއިން އެއް ތަނަށްވާ މާލޭ ހުކުރު މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުން މުހިންމުކަމަށް ކުރީގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޔުމްނާ މައުމޫނު ވިދާޅުވި ގޮތުގައި، މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި މަރާމާތުކުރުމަށް އިންޑިޔާ ސަރުކާރާއެކު ހިންގުނު މަޝްރޫޢު ހުއްޓިފައި އޮންނަތާ މިހާރު ދޮޅު އަހަރު ދުވަސް ވެއްޖެއެވެ. މި މުއްދަތުގައި އެއްވެސް މަސައްކަތެއް ނުހިނގާކަން ވެސް ޔުމްނާ ފާހަގަކުރެއްވިއެވެ.
މަޝްރޫޢަށް ބޭނުންވާ ސާމާނުވެސް އޭރު ވަނީ މާލެ ގެނެވިފައި.ކަމަށާއި އަދި ހުކުރު މިސްކިތުގެ އެތެރެ މަރާމާތު ކުރަން ހަދަން ޖެހޭ އެސެސްމެންޓުތައް ވެސް އޭރު ހަދާފައި.ވާކަމަށާއި އެހެންނަމަވެސް ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓުނު ގޮތަށް ކުރިޔަކަށް ނުދާކަން ޔުމްނާ މައުމޫނު ފާހަގަކުރެއްވިއެވެ..
މިހާރު ހުކުރު މިސްކިތުގެ ހާލަތު ވަރަށް ދެރަކަމަށް ޔުމްނާ މައުމޫނު ވަނީ ވިދާޅުވެފައެވެ. އަދި މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
ރާއްޖޭގެ މި ފަދަ މުހިންމު އާސާރީ ބިނާތައް ރައްކާތެރި ކޮށްގެން މެނުވީ ޤައުމިއްޔަތު ކުރިއެރުވޭނެ ކަމަކަށް ދެކިވަޑައި ނުގަންނަވާކަމަށް ޔުމްނާ މައުމޫނު ވިދާޅުވިއެވެ.

































