މާދަމާ މާލޭ ސިޓީގެ ހުރިހާ މަގުތަކެއްގެ ކާނުތައް ސާފުކުރަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. މިގޮތުން މިނިސްޓަރ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށް ކާނުތައް ސާފު ކުރުމަށް ނިންމާފައިވަކަމަށެވެ.
މާލޭގެ ހުރިހާ މަގެއްގެ ކާނުތައް މާދަމާ ސާފުކުރަން ނިންމާފައިވާއިރު މި މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިގޮތުން ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ކާނުތައް ބެދި ފެން ނުހިނދުމެވެ.
ސަރުކާރުން ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ހިމެނޭހެން މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

































