މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ، އަހުމަދު އުސައިދު އިބްރާހީމް އަފީފް ކިޔާ މީހެކެވެ.
އެ ޒުވާނާގެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޒުވާނާ ގެއްލުނީ އިއްޔެ މެންދުރު 03:00 ގެ ފަހުން ކަމަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ މެލޭޝިއާ ގައި ދިވެއްސަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި އެ ޒުވާނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ހިއްސާކޮށްދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
އެމީހާ ހޯދުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެމައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދެމުންނެވެ.

































