ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ އިހްޔާ ފޯރަމްގެ، މި އަހަރުގެ ފުރަތަމަ ފޯރަމް މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މާލޭގައި ބާއްވާ މި ފޯރަމްގައި ތަޤްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މިރޭ ކަނޑައަޅާފައިވާ މައުޟޫއު އަކީ ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން“ މި މައުޟޫއުއެވެ.
މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ.މޫސާ ޢަންވަރު ޙަސަން، ޑރ.އަނާރާ ނަޢީމުގެ އިތުރުން ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.
މިއަހަރު މާލޭގެ އިތުރުން ހަތް ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަތޮޅުތެރޭގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ.
އެގޮތުން، އަތޮޅުތެރޭގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫ، ފުވައްމުލައް ސިޓީ، ހދ. ނައިވާދޫ، ނ. މަނަދޫ، ހއ. ބާރަށް، ރ. މީދޫ ގެ އިތުރުން ތ. ގުރައިދޫގައެވެ.
މި އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިހް އަބްދުﷲ ސައުދާން، އައްޝައިހް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް، އައްޝައިހް އަލީ ޝަހީދު، އައްޝައިހް ނިމާލު މުހައްމަދު، އަލްއުސްތާޒު އުސާމް މުހައްމަދު ސައީދު، އައްޝައިހް އާޒިމް ހާލިދު ގެ އިތުރުން އައްޝައިހް އިމްތިތާއު އައްބާސްއެވެ.
މި އަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

































