ސިއްހީ ޚިދުމަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭން ފެށުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ގޮވާލައިފިއެވެ.
އެ ޔޫނިއަންއިން 28 ފެބްރުއަރީގައި ނެރުނު ބަޔާނެއްގައި ބުނީ ގްރޭޓަރ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތްގެ ދަށުގައިވާ ހުރިހާ ހެލްތް ކެއަރ ފެސިލިޓީސްގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ދޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތްކުރުވާ އެ ގަޑީގެ ފައިސާ ހަމައަށް ނުދީ މަަސައްކަތްކުރުވަމުންގެންދާތީ އެކަމަކީ އެ ޔުނިއަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ސިއްހީ ޚިދުމަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭން ފެށުމަށް އެމްއެޗްޕީޔޫ އިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުން އިތުރުވުމުގެ ސަބަބުން ރަސްމީ ގަޑި ފިޔަވާ އެހެން ގަޑިތަކުގައިވެސް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ކަމަށް ޔޫނިއަނުން ފާހަގަކުރިއެވެ. އަދި. މުވައްޒަފުންގެ އަސާސީ މުސާރައިގެ 10 އިންސައްތައަށް ވާ ވަރަށްވުރެ އިތުރަށް މަސައްކަތްކުރުވުމަކީ މަސައްކަތްދޭ ސުޕަވައިޒަރުންގެ މައްޗަށް މަނާކަމެއްކަން ޔޫނިއަނުންވަނީ ހަނދާން ކޮށްދީފައެވެ.
ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފަށް ހެދޭ ކޮންމެ ޤަވައިދަކީ ބާތިލް އެއްޗެއްކަން ފާހަގަކުރަމުން ޔޫނިއަނުން ބުނީ އެޤާނޫނުގައި ކަނޑައަޅާފައިވާގޮތައް އިތުރު ގަޑީގައި ފައިސާ ނުލިބޭގޮތައް ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަޑު ހެދުމަކީ ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އެ ޖަމިއްޔާއިން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ޖޫން 8، 2023 ގައި ފޮނުވި އީމެއިލްއަށް ދިން ޖަވާބުގައި އޯޓީ ފައިސާ ނުދީ މަސައްކަތްކުރުވުމަކީ ޤާނޫނާ ހިލާފުކަމެއްކަމާއި، އޯޓީ ނުދީ މަސައްކަތްކުރުވާ ފަރާތްތައް އެ އޮތޯރިޓީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސިއްހީ ހިދުމަތަކީ 24 ގަޑިއިރުދޭންޖެހޭ މަސައްކަތެއްކަން ފާހަގަކުރަމުން ޔޫނިއަނުން ބުނީ އެ ފަރާތްތަކުން އިތުރުގަޑީގައި މަސައްކަތްކުރުވާނަމަ ވަޒީފާއާ ބެހޭ ޤާގާނޫނުގައިވާގޮތައް އިތުރު ގަޑީގައި ފައިސާ ދިނުމަށެވެ.
އަދި 1 މޭ ، 2023 އިން ފެށިގެން ހިނގާދިޔަ މުއްދަތުގައި އެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވަފައިވާ ފައިސާ ދިނުމަށްވެސް އެ ޔޫނިއަނުންވަނީ ގޮވާލާފައެވެ..

































