ނިޔަތް ރަނގަޅު ނޫންގޮތަކަށް އަދި ބިންގާ ރަނގަޅު ނޫންގޮތަކަށް ފެށި އެެއްވެސް ކަމެއް ރަނގަޅު މަގަކުން ނުދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ އެންޓީވީ ގެނެސްދޭ ”ދެކޭގޮތް“ ލައިވް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މިގޮތުން ސަރުކާރުން ވޭޕް މަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރ މީކާއީލް ވިދާޅުވީ މިސަރުކާރުން ވޭޕް މަނާކުރުމަކާއި އަދި ސިނނގިރޭޓު އަގުބޮޑު ކުރުމަކާއިވެސް ދެކޮޅުނޫންކަމަށެވެ. އެހެނަސް ނިކޮޓީންނަށް ދެވިހިފާފައި ތިބިބަޔަކަށް އިތުރު މަގެއް ނުދައްކައި އަދި އިތުރު އިންތިޒާމް ތަކެއްވެސް ހަމަނުޖައްސާ ކުއްލިއަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވޭޕްގެ ޑިއުޓީ ބޮޑުކޮށް އަދި ވޭޕް މަނާ ކުރެވިގެން ދިޔައީމަ އެކަމާ ކަންބޮޑުވެލައްވާކަމަށް މީކާއީލް ވިދާޅުވިއެވެ.
ސަރުކާރުގެ ނިޔަތަކީ ހަޤީގަތުގައިވެސް ރައްތިތުންގެ ސިއްޙަތަށް ރައްކާތެރިކަން ހޯދައިދިނުން ކަމަށްވާނަމަ މިކަންކަން ކުރަންވާނީ ތަފާތުގޮތަކަށްކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
”އެހެންވީމަ ނިޔަތް ރަނގަޅު ނޫންގޮތަކަށް ފެށި އެެއްވެސް ކަމެއް ރަނގަޅު މަގަކުން ދާނެ ކަމަށް އަޅުގަނޑަކަށް ނުބެލެވޭ “ މެމްބަރ މީކާއިލް
މިސާލެއްގެ ގޮތުން ކުރިއަރާފައިވާ ނިއުޒިލޭންޑް ފަދަ ޤައުމުތަކުގައި އެ ޤައުމުތަކުގައި ވޭޕް މަނާކުރާއިރު އެކަމަށް ދެވިހިފާފައި ތިބޭ މީހުނަށް އެކަމުން އަރައިގަތުމަށް އިންސްޓިޓިއުޓްތަށް މެދުވެރިކޮށް އެހީވެދޭކަން މީކާއީލް ފާހަގަކުރެއްވިއެވެ. އެހެނަސް ދިވެހިރާއްޖޭގައި އެފަދައެއްވެސް ކަމެއް ހަމަޖެހިފައި ނުވާކަމަށް މެމްބަރ މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރގެ ވާހަކަފުޅުގައި ވަނީ ސިގިރޭޓް އަގުބޮޑުވީމާ ރައްޔިތުން ސިނގިރޭޓު ބުއިން ހުއްޓާނުލާކަން ފާހަގަކުރައްވާފައެވެ. ސިނގިރޭޓް ނުވަތަ ނިކޮޓީންއަށް ދެވިހިފާފައި ހުރި މީހާ މިހާރު އޭގެ ”ސަބްސިޓިއުޓް“ ހޯދައިފިކަމުގައި މީކާއީލް ވިދާޅުވިއެވެ. މީގެ ސަބަބުން މިހާރު މާލެ ތެރޭގައި ގޮތްނޭނގޭ ބާވަތްތަކަށް މީހުން ދާތަން ފެންނަކަމަށާއި ކަންކަންމަތީގައި ކުޑަކުޑަ ކަޑަތައް ހަދައިގެން ބިޑިއަނބުރަން އިންނަ މީހާ ހޯދައިގެން އޭނާ އަތުން އަގުހެޔޮކޮށް ގޮތްނޭނގޭ އެއްޗެހި ގަންނަކަން މީކާއީލް ފާހަގަކުރެއްވިއެވެ. އަދި ލޯނގް ޓާރމްއަށް ބަލާލާއިރު މީގެއިން ލިބޭ ގެއްލުމާއި ނުރައްކާ މާބޮޑުކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި ވޭޕް މަނާކުރެވިގެން ދިއުމުން މިކަމުގައި ދިވެހިރާއްޖެއަށްވީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބެލުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ފަދަ ތަންތަނުން މިކަމުގައި ރީސާރޗެއް ހައްދަވަން ޖެހޭކަމަށް މީކާއީލް ވަނީ ވިދާޅުވެފަައެވެ.

































