ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ރޯދަ މަހު ދޫކުރާނެ ގަޑިތައް މިއަދު އާންމުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމާފައި ވަނީ ރޯދަ މަހުގެ 20 އާ ހަމައަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ވެސް 9:15 އިން 11:30 އަށް ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންދިއުމަށެވެ. މިގޮތުން ކިއުބީން ދޫކުރާނީ ދުވާލަކަށް 150 ނަންބަރު ކަމަށް ވެސް ޑީއެންއާރުން އިން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ވެސް ރޯދަ މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ ފަހު ދިހައިގައި އައިޑީ ކާޑު ދޫކުރަން ނިންމާފައި ވަނީ މާޗް 23، 25 އަދި 27 ވަނަ ދުވަހު އެކަންޏެވެ. ޑީއެންއާރުން ބުނީ އައިޑީކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ސިޓީއަކާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ.
ފަހު 10 ގައި ތިން ދުވަހު ކާޑުދޫކުރި ނަމަވެސް އިމަރޖެންސީ ހާލަތްތަކުގައި 7280368 ނަންބަރަށް ގުޅައިގެން އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުން އިއުލާނުގައި ބުނެފައިވެއެވެ.

































