ބޭރުގެ ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.
ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސް ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން، ރައީސް ހުށަހަޅުއްވާފައިވަނީ:
ރަޝިއަން ފެޑަރޭޝަންއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ތުރުކީ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަނުކުރެއްވުމަށެވެ.
ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ސައުދީ އަރަބިއްޔާގެ ސަފީރު އަހުމަދު ސަރީރު އައްޔަނުކުރެއްވުމަށް ވަނީ ފޮނުވާފައެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަޤާމުތައް ފުރުއްވާފައިވާ ސަރީރަކީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ފޮރިން ސެކެޓްރީގެ މަގާމުގެ އަދާކުރައްވާފަ އެވެ.
ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ފުރަތަމަ ރެޒިޑެންޓް ސަފީރު އަބްދުއްރަހީމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުވެސް މީގެކުރިން ފުރުއްވާފައިވާ އަސްކަރީ ދާއިރާގެ އެކި މަޤާމުތަކުގައި 39 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

































