އައްޑޫ ސިޓީ ހުޅުދޫގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު 12:09 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ގުދަނުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 13:00 ހާއިރުއެވެ.
އެމްއެންޑީއެފް އިން ބުނީ، ދެބަޔަކަށް ބައިކޮށް އެއްޗެހި ރައްކާކޮށްފައިހުރި މި ގުދަނުގެ އެއްބައިގައި ލަކުނޑި ރައްކާކޮށްފައިހުރިއިރު، އަނެއް ބައިގައި ހުރީ ކެއްކުމަށް ބޭނުންކުރާ ގޭސް ފުޅިއާއި، ގަސްކާނާ ފަދަ ތަކެތިހުރިކަމަށެވެ. މީގެތެރެއިން ލަކުނޑި ރައްކާކޮށްފައިހުރި ބައިގައި އަލިފާނުގެ ހާދިސާ ހިނގިއިރު، މި ލަކުނޑިތައް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައިވާކަމަށާއި ގުދަނުގެ އަނެއް ބަޔަށް އަލިފާނުގެ އަސަރު މާ ބޮޑަށް ކޮށްފައެއް ނުވާކަމުގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

































