ރައީސް މައުމޫންގެ ފޮންޓު ތަޢާރަފް ކުރެވުމަކީ ދިވެހިބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމު ކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށެވެ. އަދި މިއީ ދިވެހިބަސް ދިރުވައި އާލާ ކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓްގައިވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ”މައުމޫން“ ފޮންޓު ފަރުމާ ކުރެއްވި ގްރެފިކް ޑިޒައިނަރ ޢަބްދުﷲ ޝަފީޢު އާއި އެންކްރިއާ ސްޓޫޑިއޯ އަށް މަރުޙަބާ ދަންނަވައިފައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، ”މައުމޫން“ އިފްތިތާޙްކުރީ ހުކުރު ދުވަހުގެ ރޭ އެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، މާލޭގެ އާޓް ގެލަރީގައި ބޭއްވި ހަފްލާއެއްގައެވެ.
ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މަޢުރަޒެއް ވަނީ ބާއްވައިފައެވެ. އެ މަޢުރަޒު ކުރިއަށްދިޔައީ އިއްޔެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.
އަދި ގިނަ ބަޔަކު އެދެމުންދާތީ، މިއަދުވެސް ފޮންޓު މަޢުރަޒު ކުރިއަށްގެންދަން މައުމޫން ފައުންޑޭޝަނުން ވަނީ ނިންމައިފައެވެ. މިގޮތުން މިއަދު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މަޢުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

































