ރޯދަމަހަށް ސަރުކާރުން ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބަހާ މަސްދަލުކޭސް މާލޭގައި ބަހާނެ އިތުރުތަނެއް ހަމަޖައްސަން ނިންމައިފިއެވެ.
މަސްދަޅު ކޭސް މާލޭގައި ރޭ 8:30ގައި ވަނީ ބަހަން ފަށާފައެވެ.،
މަސްދަޅުކޭސް މާލެ ސަރަހައްދުގައި ބަހަމުންދިޔައީ މާލޭގައި ހުންނަ މިފްކޯގެ ހެޑް އޮފީހާއި އެމްޓީސީސީ ސޯމިލް، ވިލިމާލޭ ވެމްކޯ ސައިޓް، ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް2 ގައި ހުންނަ ހިޔާގެ 10 ވަނަ ޓަވަރުގެ ތިރީގައި ހުންނަ ޔޫތު ސެންޓަރުންނެވެ.
އެ ސަރަޙައްދުތަކުގައި މަސްދަޅުކޭސް ހޯދަން ގިނަ އަދަދެއްގެ މީހުން ކިޔޫގައި އެތައްއިރެއް ވަންދެން ތިބިކަން ފާހަގަކުރެވުނެވެ.. ކޭސްތައް ބަހަން ފަށަން ހަމަޖެހިފައިވާ ވަގުތުގެ އެތައް އިރެއް ކުރިން މީހުންވަނީ އެ ސަރަޙައްދުތަކަށް ނުކުމެ ދިގު ކިޔުތައް ދަމާލާފައެވެ. އަދި ރޭ ވަރަށް ދަންވަންދެން ގިނަ ބަޔަކު ވަނީ ކިއުތަކުގައި މަޑުކޮށްފައެވެ. ބައެއް މީހުން ތިން ގަޑިއިރަށްވުރެ ގިނަ އިރު ކިއުތަކުގައި ތިއްބެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމަށް އާއްމުންގެ ފަރާތުން ބޮޑު އިޖާބައެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާއްމު ކުރާނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ..
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް 5 ސަރަޙައްދެއް ވަނީ ހަމަޖައްސާފައެވެ. އަދި މިމަހުގެ 27 ހަމައަށް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ބަހާ ނުނިމެއްޖެނަމަ ރޯދަމަހުގެ ތެރޭގައިވެސް މަސްދަޅު ކޭސް ބަހަމުންދާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

































