ދިވެހީންގެ ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ ދިވެހި ބަހާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަޙުނިޔާގެ މެސެޖުގައެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހި ދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފުޒެއްވެސް ގުޅިފައިވަނީ ”ދިވެހި“ ބަހާ ކަމަށެވެ. މާޒީއާއި މިއަދު އަދި މާދަމާވެސް ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީވެސް ދިވެހިބަސް ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ މާދަރީ ބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ”ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބަސް މުހިންމު އެއްޗަކަށް ހަދާށެވެ.“ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ގޮތުގައި ފާހަގަކުރަނީ 21 ފެބްރުއަރީއެވެ.

































