މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަމެއް ދައްކަވާފައިވާ، މެޒޯ މޯޑް ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ އާއިލާ އަށް ތައުޒިޔާ ރައްދު ކުރާ ކަމަށެވެ.
”މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުޙޫމް މުހައްމަދު މާޖިދު ލަހައްޓަވާށިއެވެ. އާމީން.“ ރައީސް ވިދާޅުވިއެވެ.
އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ހުށަހަޅާފައިވާ މެޒޯ މޯޑް ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. މެޒޯ މޯޑް ވަނީ މިއުޒިކީ ދާއިރާ އަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައެވެ.
އެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2010 ވަނަ އަހަރު މެޒޯ މޯޑަށް ލިބިފައި ވެއެވެ.

































