ސ. ހިތަދޫ ގައި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓައި ފެނިއްޖެއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖްގައި ވިދާޅުވީ ފެބްރުއަރީ 11 ވަނަ ދުވަހު ދަންވަރު 01:35 ހާއިރު ސ . ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަޙައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި ތަން ފެނިފައިވާ ކަމަށެވެ. އެހެންވެ ފުލުހުން އިތުރަށް ބެލި ބެލުމުން އެ ސަރަޙައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، އެމީހާގެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓައި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އަނިޔާކޮށްފައި ހުއްޓައި ފެނިފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 4 މީހަކާއި، 15 އަހަރުގެ ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ ސ. ހިތަދޫ ވިޝަންޑްރީމް ސަމާޙު ތައުފީޤް، ސ ހިތަދޫ ގްރޭސް މުޙައްމަދު ޔައީޝް އާޒާދު، ސ ހިތަދޫ ނޫތަރި އަޝްރަފް މުޙައްމަދު އަދި ސ ހިތަދޫ މެރީގާޑަން އަލީ މާޒިން ޙަސަންގެ އިތުރުން ކުޑަ ކުއްޖެކެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ސަމާހު އަދި އަޝްރަފް 15 ދުވަހަށް ބަންދުކޮށް، ދެން ތިބި ދެމީހުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ގެނައި 15 އަހަރުގެ ކުޑަކުއްޖާ ކޯޓަށް ހާޒިރުނުކޮށް، އެ ކުއްޖާ އާއިލާއާ ވަނީ ޙަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

































