ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ބާއްވާ މިއަހަރުގެ ފުރަތަމަ ބައްދަލުވުން 2025 ފެބްރުވަރީ 27ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45ގައި ލޮނުޒިޔާރަތް ޕާކުގައި ބާއްވާ ގޮތަށް ހަމަ ޖައްސާ އެކަން މާލޭ ސިޓީ ކައުންސިލް އިދާރާއިން އިޢުލާން ކޮށްފިއެވެ. މާލެ ސިޓީ ކައުންސިލް އިދާރާއިން ކުރައްވާފައިވާ އެޢިއުލާންގައި އެބައްދަލުވުމަށް މާލެ ސިޓީގެ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާފައި ވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107ވަނަ މާއްދާގައި ބަޔާން ވެގެންވަނީ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެ ކަމަށެވެ.

































