މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެމްޑީގެ މަޤާމަށް ކުރީގެ ޑޭޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޝްވާން އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އިޢުލާންކުރި ގޮތުގައި އެމްޕީއެލްގެ އެމްޑީ އަދި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ހ. ހަބަރުގެ، ރިޝްވާން އައްޔަންކުރައްވާފައި ވެއެވެ.
ޕީސީބީ އިން މިކަން މިއަދު އިޢުލާންކުރީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް އެމަޤާމުން ވަކިކުރައްވާފައިވަނިކޮށެވެ. ނަމަވެސް، ވަޖީހު އެމަޤާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.
ރިޝްވާން މޯލްޑިވްސް ޕޮލިސް ސާވިސްގައި ޑެޕއުޓީ ކޮމިޝަނާގެ މަޤާމު ފުރުއްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމު ފުރުއްވާފައެވެ. އަދި އޭގެ ކުރިން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފައެވެ.
އެމްޕީއެލްގެ އެމްޑީ ކަމަށް ރިޝްވާން އައްޔަން ކޮށްފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ވަޖީހު އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ.
ވަޖީހު ވަނީ އެމްޕީއެލްގައި ނުވަ އަހަރު ހޭދަކުރައްވައިފައެވެ. އެ އަހަރުތަކުގައި އޭނާ ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯގެ މަޤާމު ފުރުއްވައިފައެވެ.

































