ހުޅުމާލޭގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ތަރައްޤީކުރި ”އިސްރަށްވެހިންގެ ނާދީ“ ހުޅުވައިފިއެވެ.
އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްސަދުގައި ހެދި ނާދީ ހުޅުވީ މިއަދު ހެނދުނު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނާދީ ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ ނާދީ ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން އިރުއޮއްސި 6:00 އަށެވެ.
އިސްރަށްވެހިންގެ ނާދީގެ މަޤްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ޤާއިމުކުރުން ކަމަށް އެޗްޑީސީއިން މައުލޫމާތުދެއްވައެވެ.
އެގޮތުން، މިއަދު ހުޅުވި ނާދީ ތަރައްޤީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.
ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީންނެވެ.

































