މޯލްޑިވްސް ހެލްތު ރީސާރޗް ބުލެޓިން ވޮލިއުމް- 10، މިއަދު އާއްމުކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި ކުރެވިފައިވާ ޞިއްޙީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމެނޭހެން ޞިއްޙީ ވުޒާރާގެ ފަރާތުން ކޮންމެ އަހަރަކު އާއްމު ކުރެވޭ ބުލެޓިންއެކެވެ.
ޞިއްޙީ ވުޒާރައިން ބުނީ، “ މޯލްޑިވްސް ހެލްތް ރިސާރޗް ބުލެޓިން“ ޝާއިރުކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގައި ޞިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމެވެ.
މިއަހަރު އާންމުކުރެވޭ ރިސާރޗް ބުލެޓިންގައި ރާއްޖޭގައި ހެދިފައިވާ ޞިއްޙީ ދިރާސާތަކުގެ 7 އެބްސްޓްރެކްޓެއް ހިމެނިފައިވާނެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތު، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުން، ނަފްސާނީ ޞިއްޙަތު، އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތު ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލްއާއި ގުޅުން ހުރި މައުލޫމާތާއި ޞިއްޙީ ދިރާސާކުރުމުށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 އަށް ރާއްޖޭގައި ޞިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައްވެސް މި ބުލެޓިންގައި ހިމެނެއެވެ.
މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ޞިއްޙީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ.

































