އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިހާއަށް ނޭނގި ފޯމު ފުރައިގެން ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކުރާ މައްސަލައަކީ މަލްޓި ޕާޓީ ނިޒާމު އުފެދުނީންސުރެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ފިޔަވަޅުތައް އެޅުނު ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް އައިސްފާނުވާކަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ގިނަ ޚިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައަކަށް ހައްލު އައި ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
މި ސަބަބާހުރެ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި ހަމައެކަނި އީ-ފާސް މެދުވެރިކޮށް ހުށައެޅޭ ގޮތް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމަވާފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ މިހާރު ހުށައަޅާ ކަރުދާސް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސްއިން މިގޮތަށް ހާމަކުރައްވާފައި މިވަނީ މީހާއަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ރެޖިސްޓްރީކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

































