ސަލްޓަން ޕާކުގައި ހުންނަ ދިވެހި ރަސްކަމުގެ 800 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަނޑުވަރު“ އުސްގެކޮޅު “ އާގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 179 ވަނަ ޖަލްސާގައި މަޝްވަރާކޮށްފިއެވެ.
ސިޓީކައުންސިލްއިން ބުނީ، އުސްގެކޮޅާ ގުޅޭގޮތު ކައުންސިލުން މަޝްވަރާކުރީ، ”އިންޓަރެކްޓިވް މިއުޒިއަމް“ އެއްގެ ގޮތުގައި އުސްގެކޮޅު ތަރައްޤީ ކުރުމުގެ މަސައްކަތް ދިވެހިބަހާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ އާސާރީ ގޮތުން މާލޭގައި މިވަގުތު ފެންނަން އެއްޗެއްސާއި ބިނާތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމާއި އޭގެން ނަފާ މާލޭގެ ރައްޔިތުން ލިބޭނެ ގޮތް ހެދުމަކީ ކައުންސިލުން ވެސް އެދޭ ކަމެއް ކަމަށެވެ. އަދި މިފަދަ ތަރިކަތައް ބެލެހެއްޓުމަކީ މިކައުންސިލްގެ މައްޗަށް އޮތް ޤާނުނީ ޒިންމާއެއް ކަމަށް ވީއިރު، މިކަމާ ގުޅޭ ގޮތުން އިތުރަށް ތަރިކައާބެހޭ ވުޒާރާއާއެކު ވާހަކަ ދައްކަވާނެ ކަމަށް މޭޔަރ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް އާސާރީ ބިނާ އުސްގެކޮޅަކީ ދިވެހި ރަސްކަމުގެ 800 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަނޑުވަރެކެވެ. އަދި އެ ގަނޑުވަރުގެ ސަލާމަތުން ހުރި ބައި މިހާރުވެސް ސަލްޓަން ޕާކުގައި ފެންނަން އެބަހުއްޓެވެ.


































