މާލޭސިޓީގެ ހަވީރީ ހިނގުން ސަރަހައްދުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ ނެޓްވަރކް ސިސްޓަމް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބެލުމުގެ ދަށުން އިއްޔެ ފަށައިފިއެވެ.
އިމާރަތްކުރުމާއި ބިނާރައިބެހޭ ވުޒާރއިން ބުނީ، އިއްޔެ މި މަސައްކަތް ކުރިއަށް ގެންދިޔައީ އާރް.ޑީ.ސީ އާއި އެމް.ޑަބްލިއު.އެސް.ސީގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބެލުމުގެ ދަށުންނެވެ.
އިތުރަށް ބިނާރާ ބެހޭ ވުޒާރައިން މައުލޫމާތު ހިއްސާކުރެއްވި ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ވިއްސާރަ މޫސުމުގައި، މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކަށް ޚާއްސަ އިސްކަމެއް ދީގެން މި މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީންވަނީ މަޢުލޫމާތު ދީފައެވެ.

ސްޓޯމްވޯޓަރ ނެޓްވާރކް ސިސްޓަމްތައް ރަނގަޅަށް ބެލެހެއްޓުމަކީ ޤަވާއިދުން ކުރަމުން އަންނަ މަސައްކަތެއްކަންވެސް މިނިސްޓްރީއިން ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓްރީގެ ފަރާތުން އިތުރަށް ވިދާޅުވި ގޮތުގައި މިހަފްތާ ތެރޭގައި މާލޭގެ އިތުރު ސަރަހައްދުތަކުގައި ބެހެއްޓިފައިހުރި ސްޓޯމްވޯޓަރ ނެޓްވަރކް ސިސްޓަމްތައް ސާފުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތުގެ މަޤްޞަދަކީ ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުން ކުޑަކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމެވެ. އަދި މިކަމުގެ ސަބަބުން މާލޭސިޓީގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވެ، ދުޅަހެޔޮ މާހައުލެއް ޤާއިމުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ބިނާރާ ބެހޭ ވުޒާރައިން ހާމަކޮށްފައިވެއެވެ.

































