އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މެންބަރުންނަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވައިފިއެވެ.
އެމް ޑީ ޕި އާއި އަލަށް ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެ ޕާޓީގެ ނައިބު ރައީސްއަކަށް ހުންނެވި މުހައްމަދު ޝިފާޒް ހިމެނެއެވެ. އަދި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު ޢަލީ އާޒިމާއި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޙުސެއިން ޢަމްރު ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ފަޚުރުވެރި ޕާޓިއެއް ކަމަށާއި އެމްޑީޕީން އަބަދުވެސް ރައްޔިތުން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގައި ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. ”މިޕާޓީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ ފަޚުރުވެރި ޕާޓީ. އަޅުގަނޑު އެދެނީ ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެމްޑީޕީ އިން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގެން ދެއްވުމަށް.“ ޝާހިދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސުން އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ ދެމެދުގައި ސިޔާސީ ގޮތުން ދެބަސްވުން އުފެދި، ނަޝީދަށް ތާއީދުކުރާ ފަރާތްތައް އެމްޑީޕީ ދޫކުރުމަށްފަހުއެވެ.

































